ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.
އެކަން ހާމަކުރައްވައި، ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވާފައިވާ ކަމަށެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ފަލަސްޠީނަށް ދެ މިލިއަން މަސްދަޅު ދިނުމަށް ރައީސް ޞާލިހު ނިންމަވާފައިވާއިރު، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން، އެހެން ގައުމުތަކާއި ގުޅިގެން، އިސްރާއީލުގެ ޔަހޫދީން، ކެނޑިނޭޅި ފަލަސްޠީނަށް އަމާޒުކޮށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާއި ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ދިވެހިރާއްޖެއިން އެދިފައިވާ ކަމަށްވެސް އިއްޔެ ޝާހިދު ވަނީ ވިދާޅުވެފައެވެ.
