އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެލާ ދާއިރާއަށް ވާދަ ކުރައްވާ އަހުމަދު ޣާލިބަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފިއެވެ.

ޔާމީން މިކަން ހާމަ ކުރެއްވީ، ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ޣާލިބަކީ ތައުލީމީ ޒުވާނެއްކަން ފާހަގަކުރައްވައި، ގައުމީ ބޮޑެތި މަސްލަހަތު ހިމާޔަތްކޮށްދޭ މީހެއް ކަމަށްވާނަމަ އެމީހަކަށް ތާއިދުކުރައްވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

”ޣާލިބަކީ އަޅުގަނޑު އާއިލާ ކުއްޖެއް ވެސް ނޫން. މުއިއްޒުގެ އާއިލާ ކުއްޖެއް. އެކަމަކު އަޅުގަނޑު އޭނާއަށް ތާއީދު އެބަކުރަމޭ.“ ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ޣާލިބު އެ ޕާޓީއާ ވަކިވެވަޑައިގަތީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމް/ޕީއެންސީ ކޯޅުން ބޮޑުވެފައިވަނިކޮށެވެ.