ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 3 އާއި ގިރާވަރު ފަޅާއި ގުޅީފަޅާއި ގޯތި ދޫކުރާ ސަރަހައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި، އެޗްޑީސީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަދު އަލުން ގިރާވަރުފަޅު ހިއްކަން ވަނީ ފަށައިފައެވެ.

ގިރާވަރުފަޅުން ދިން ބައެއް ގޯތި ގުޅީފަޅަށް ބަދަލު ކުރަން ވަނީ ނިންމައިފައެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ 1347 ގޯތީގެ އަދަދާއި ބޮޑުމިނަކީ:

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި

މީގެ އިތުރުން ވިޔަފާރި ބަނދަރެއް އެޅުމަށާއި މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ބޭނުމުގައި ގުޅީފަޅު ހިއްކަމުން ދިޔައިރު، އެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މިއީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަސައްކަތެވެ.

ރައީީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން

ގުޅުފަޅު ހިއްކުމުގެ މަޝްރޫއަކީ ޔޫރަޕުގެ ބޭންކުތަކަކުން ލޯނު ނަގައިގެން، ސަރުކާރުގެ ބަޖެޓުން ވެސް ހަރަދުކުރާ ގޮތަށް ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން އެ ފަޅުން 192 ހެކްޓަރު ހިއްކާފައިވެއެވެ.

ހިއްކުމުގެ މަސައްކަތް މުޅިން ނިންމައިލީ، މި މަހުގެ ފަނަރަ ވަނަ ދުވަހުއެވެ. ރައީސް މުއިއްޒު ވިދާޅުވީ އެ ފަޅުން އިތުރަށް ވެސް ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ އެމްޓީސީސީ އިންނެވެ.

ރައީސް މުއިއްޒު މިއަދު ވަނީ، ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދު ވެސް ބައްލަވާލައްވާފައެވެ. ކުރީ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ދޫކުރި މީހުންނަށް، ގޯތި ޔަގީން ކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހައްލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ، މި ފަސް އަހަރު ނިމޭއިރު، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.