ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒުހޫރު އެޗްޑީސީގެ ޗެއާމަންގެ މަގާމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ހާމަކޮށްފައިނުވެއެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މިދިޔަ ފެބްރުއަރީ މަހު އައްޔަނު ކުރި ޒުހޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަމުގެ އިތުރުން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އޭނަ އަދާކުރެއްވިއެވެ.
