ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު އަލްސަން، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފިއެވެ.

އޭނާ ޕީއެންސީއާއި ގުޅިވަޑައިގަތީ، ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

ވިހި ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި އެންމެ ޒުވާން މެމްބަރު އަލްސަން ސޮއިކުރެއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އޭނާ ސޮއިކުރެއްވި ފޯމު ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަލްސަން ކާމިޔާބު ކުރެއްވީ 870 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ޝަރީފެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 799 ވޯޓެވެ. ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ޒިފްލީނާ ހަސަނަށް ލިބިވަޑައިގަތީ 519 ވޯޓެވެ.