މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް، ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކާއި އާންމުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން( އެޗްޑީސީން) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި، މޫސުން ގޯސްވުމާއިއެކު ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް، ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރިހައި ކޮންޓްރެކްޓަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުގެ ވަށައިގެން ޖަހާފައިވާ ސޭފްޓީ ނެޓް އަދި ޓިނު ފަދަ ތަކެތި ރަނގަޅަށް ހަރުކުރެވިފައިވޭތޯ ބެލުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

މީގެއިތުރުން އާންމުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ބެލްކަނިތަކާއި ޓެރަސް ފަދަ ތަންތަނުގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށާއި ބޭރަށް ހުޅުވޭ ގޮތަށް ހުރި ފެންލައިޓާއި، ދޮރުފަދަ ތަންތަނުން ގޭތެރެއަށް ފެންނުވަންނާނެ ގޮތަށް ބަންދުކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދީގެން، ކޮޅިގަނޑު ތެރޭގައި ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައެވެ.