އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުމެންގެ ވެރިކަން ރައްޔިތުން ބަދަލު ކުރީ، ގައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓު ކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި، ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅުވައި، ދެއްވި ރައްދެއްގައެވެ.

ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށެވެ.

”ދައުލަތު ގެކަންކަން ހިންގަންނޭނގިގެން ޤައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން!“ ޝާހިދު ވިދާޅުވިއެވެ.

ޝާހިދަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ ގައުމު ބަނގުރޫޓުކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށާއި، ރައީސް ޑރ.މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިޙްސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ކަމުގައި ވެސް ވިދާޅުވިއެވެ.