ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީއެވެ.

އެގޮތުން، ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ވަށްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް އަދި ބައެއް ސަރަހައްދުތަކުގައި ސައިން ބޯޑުތައް ބަހައްޓާނެއެވެ.

މަގުތަކަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް، ސައިން ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެ ކުންފުނީގެ އަމާޒަކީ މި އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމެވެ.

އެޗްޑީސީން ބުނި ގޮތުގައި މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.
