މާލޭގައި ބުޅާ މަހުން ކާބޯތަކެތި ހަދައި، އޭގެ ވިޔަފާރި ކުރަމުންދާ މީހަކު އިމިގްރޭޝަނަށް ހާޒިރުވާން އަންގައިފިއެވެ.

މި މައްސަލައިގައި ހޯދަމުން ދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިންއެވެ. އެއީ 32 އަހަރުގެ މީހެކެވެ.

މީނާއާ ގުޅޭ ގޮތުން ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، އެއީ ގަވާއިދާ ހިލާށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ.

އަދި ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ވިއްކާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ އަރަފާތު އެ އިދާރާއަށް ހާޒިރުވުމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދީފައެވެ.

އަދި އޭނާއާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، risk@immigration.gov.mv އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ޑީޕޯޓު ކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.