މިސަރުކާރަކީ އިސްލާމްދީނަށް ނަސްރުދޭނެ ސަރުކާރެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 
މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ އިލްމުވެރިން ކަމަށާއި އިލްމުވެރިންގެ ފަރާތުން ލިބޭ އެއްބާރުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ޖަމުއިއްޔަތު ތުފޫދުލް ހަރަމްގެ ރައީސް ޑރ.ހަމްދާން ބިން ހުމައިދު ބިން ބުރައިކް އައްސުލަމީއެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނުގެ ޚިދުމަތް ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި ސާބިތުވެ ދެމިތިބޭނެ ކަމަށެވެ.

އަދި މި ވެރިކަމުގައި މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ދީނުގެ ކަންކަން ހަރުދަނާ ކުރުމަށް ވަރަށް ގިނަ އިރުޝާދުތައް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވަވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ ކަންތައްތަކާ ހާސިލު ކުރަމުން ގެންދާ އެންމެހާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ކަމަށެވެ.