އެސްޓޯނިއާއާއި ދިވެހިރާއްޖޭގެ އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދަވާފައި ވަނީ، ރައީސް އޮފީހުން ބުނިގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ، ރައީސް އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ކަރިސް ވަނީ، އެމަނިކުފާނުގެ ދައުވަތު ގަބޫލުފުޅުކުރައްވައި އެ ގައުމަށް ވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައްދުގައި ރައީސް ވަނީ، އެ ގައުމުން ވިދާޅުވި ހޫނު މަރުޙަބާ އާއި އަރިސްކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސް ކަރިސް އާއި އެސްޓޯނިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތައުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ގައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައެވެ.

އަދި ރައީސް ވަނީ ސައިބަރސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ޢިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އެސްޓޯނިއާ އަކީ އިޢާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާތަކެއް ކަމަށެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ތަރައްގީ ގާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ގައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

ދެ ރައީސުންވެސް ވަނީ، ބައިނަލްއަގުވާމީ ސެކިއުރިޓީއާ މެދު ހިޔާލުބަދަލުކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ގައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުންދިނުމަށް، އަޒުމުކަނޑައަޅުއްވާފައެވެ.

ރައީީސް މުއިއްޒު އާއި ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ، އެސްޓޯނިއާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނޭކަމުގެ ޔަގީންކަން ދެއްވަމުންނެވެ.