ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލު ކުރުމަށް ކުރެވޭން ހުރި ކޮންމެ ކަމެއް އިދިކޮޅުން ކުރާނެ ކަމަށާއި، ދެން އޮތް ހަމައެކަނި ގޮތަކީ މަގުމައްޗަށް ނުކުތުން ކަމަށް  ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

”ފުދިއްޖެ، ފުނޑިއްޖެ“ މި ނަމުގައި އިދިކޮޅުން ބާއްވަން ތައްޔާރު ވަމުންދާ އެއްވުމާ ގުޅޭގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީން މަގުތަކަށް ނުކުންނަނީ އަބަދުވެސް، ގައުމަށް ހެޔޮ އެދިގެން ކަމުގައެވެ. އަދި ”ވެރިކަމުގެ ބާރުތައް އަލުން އަނބުރާ ހޯދަން ރައްޔިތުންނަށް ނުކުމެވޭނެ“ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް ދެން، މި ބޭފުޅާ މާދަމާ ހައްދަވާނީ ކޯޗެއްތޯ ބަލަން ތިބެވޭކަށެއް ނެތް، އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ވެރިކަން ބަދަލު ކުރަން ކުރަން ވެއްޖެ. ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް އެބަހުރި ކުރެވޭނެ ކަންތައްތައް.“ އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ފެއިލް ވުމުން، ދެން އޮތް ހަމައެކަނި ގޮތަކީ މަގުމައްޗަށް ނުކުތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ފުލުހުން ނުކުމެ ހައްޔަރު ކުރިޔަސް އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި، ބިރެއް ވެސް ނުގަންނާނެ ކަމަށެވެ.

މި ވެރިކަން ބާއްވައިގެން ތިބެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ، އީސަ ވަނީ، މިއީ އެންމެ އަނިޔާވެރި ވެރިކަން ކަމަށް ތުހުމަތު ކުރައްވައިފައެވެ.