އިގްތިސާދީ ނަފާ ހޯދުމަށް ރައްޔިތުންނާ ގުޅިގެން ކައުންސިލުން ހުށަހަޅާ ކަންކަމަށް އިޖާބަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާކަމަށެވެ.
އެއީވެސް އިގްތިސާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކުރައްވާފައިވާ ބިމެއް ކަމަށެވެ. އެ ބިމުގެ ބޭނުން ކުރުމަށްވެސް، ރައްޔިތުންގެ މަޝްވަރާއާއެކު ކައުންސިލުން ހުށަހެޅުމުން، ސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ނޭކުރެންދޫ ސްވިމިންގ ޓްރެކް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މި މަސައްކަތް ކުރިއަށްގެންދަވާނީ ބަނދަރުގެ މަސައްކަތާ އެކުއެކީގައިކަމަށެވެ. މިހާރު ކުރިއަށްދާ ބަނދަރުގެ މަޝްރޫއު ނިމިގެންދާނީ، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، ބަނދަރުގެ ޖާގައަށް 100 ފޫޓު އިތުރުކުރައްވައިގެންކަމަށާއި، ދޯނި އެހެލާ ސަރަހައްދަކާއި، މޫދަށް އެރޭ ސަރަހައްދެއްވެސް މި މަޝްރޫއުއާއެކުގައި ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

