ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިއަހަރުގެ ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
ރެހެންދި އެވޯޑަކީ ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ އެވޯޑެކެވެ.
އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މި އެވޯޑަށް ކުރިމަތިލެވޭނީ އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ. ވަކި ވަކި އަންހެނުންގެ ނަން ނުވަތަ ޖަމިއްޔާތަކުގެ ނަން އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށްވެސް ހުށަހެޅޭނެއެވެ.
އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނަން އަމިއްލައަށް ނުވަތަ ކޮމިޓީ ނިސްބަތްވާ ސިޓީ ނުވަތަ ރަށެއްގެ ލޯކަލް ކައުންސިކަށް ނުވަތަ އެހެން ފަރާތަކަށްވެސް ހުށަހެޅޭނެއެވެ. މި އެވޯޑަށް ނަން ހުށަހެޅޭނީ އެއް ދާއިރާއިންނެވެ.
އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރުއެވެ.

