ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރަސްގެފާނު ސުލްތާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވައިފިއެވެ.

މި ދެބޭފުޅުންނަށް ރައީސް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މިއަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިރުރަށް ބަދަހިވެ، އިގްތިސާދީ ގޮތުން އެގުޅުން ފުޅާވެ، ދެ ގައުމުގެ ރައްޔިތުންނަށްވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

މި މުނާސަބަތާގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓްގައި، މެލޭޝިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.