މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭ ގެ އެއް ބަލައިޓފާސްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހޯދައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާފަންނު ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި (ވަގުތީ ބަރުދަން، 304.73 ގުރާމް) ފެނިފައިވެއެވެ.
މީގެ އިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ.
އަދި ސ. މަރަދޫ / ނަރުގިސްމާގެ، އަބްދުލްޣަނީ އަބްދުލްމަޖީދު (56އ) އާއި ސ. މަރަދޫ / ނަރުގިސްމާގެ، އަހުނަފް އަޝްރަފް (27އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

