އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީގެ ބަޖެޓުގެ ގޮތުގައި ކައުންސިލުގެ ބަޖެޓުން ދެމުން ގެންދާ އަދަދު ދެގުނައަށް ބޮޑުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑަބްލިޔުޑީސީ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމަށްޓަކައި، އަންނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެއް ބަދަލެއްގެ ގޮތުގައި ނިންމަވާފައިވަނީ ޑަބްލިޔުޑީސީ ބަޖެޓުގެ ގޮތުގައި، ކައުންސިލުގެ ބަޖެޓުން ދެމުން ގެންދާ ފަސް ޕަސަންޓު ދެގުނަ ބޮޑުކޮށް، ދިހަ ޕަސަންޓަށް ބަދަލުކުރުމަށެވެ.

އޭގެ އިތުރުން ދެވަނަ ބަދަލެއްގެ ގޮތުގައި ނިންމަވާފައިވަނީ ޑަބްލިޔުޑީސީ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމެވެ.