ރަށްރަށުގެ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ފައިސާގެ ފިސްކަލް ފޯރމިއުލާ މުރާޖައާކޮށް ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރަން ނިންމި ނިންމުމުން އެނގެނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު، ކައުންސިލުތަކުން ހުށަހަޅާ ކަންކަމަށް އަމަލީ ސިފަ ގެންނަވާކަން ކަމުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ.
އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއްނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެފަދަ ރަށްތަކުގެ ކައުންސިލްތަކަށް ގެއްލުންވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އެ ބަދަލާ އެކު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ނިންމެވުމާ ގުޅިގެން، މިނިސްޓަރު އާދަމް ޝަރީފު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއް ކަމަށެވެ.
”ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން.“ އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުންނަން ޖެހޭ ކަމަށެވެ.

