ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
އޯގަނައިޒްޑް ކްރައިމް އަދި ގޭންގު ކުށްތަކައް ހުއްޓުވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލު ތަސްދީގު ކޮށްފައިވަނީ މިއަހަރުގެ މޭމަހުގެ 25 ވަނަ ދުވަހުއެވެ.
މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ އެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފައިވާ ކަމަށެވެ.
ފުލުހުން ރޭ ބުނިގޮތުގައި ހައްޔަރުކޮށްފައިވަނީ މއ. މޯނިންވިއު، މާލެ، އިބްރާހިމް ޒައިދާން (22އ)، އ. މޯނިންވިއު، މާލެ، އަހްމަދު ނަވާޒް (30އ) އަދި ބަށިމާގެ، ލ. މާބައިދޫ، މުހައްމަދު ޝިދާދު (22އ) އެވެ.
ފުލުހުން އެ ތިން މީހުންނަށްވެސް ކުރަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުން އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އޭނުންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުންނެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޒައިދާން އަދި ޝިދާދު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
އަދި ނަވާޒުގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.

