ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 5/2007 ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރައްވައިފިއެވެ.

މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަނު ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މ. ފަލްކަންގެ، މުހައްމަދު ނާސިހާއި، ދަފްތަރު ނަންބަރު 1325، ޑޮކްޓަރ ހުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑޮކްޓަރ ދީބާ މޫސާއެވެ.

ސީއެސްސީގެ މެންބަރުކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އޮނަރަބަލް އަލީ ރަޝީދު ހުސައިނެވެ.

އަދި، މި ރަސްމިއްޔާތުގައި ރައީސް ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް އައްޔަނު ކުރެއްވި ތިން މެންބަރުންނާ، އެ މަގާމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަވާލު ކުރައްވާފައެވެ.