ގއ. ކޮނޑޭ އާއި ކަނޑުހުޅުދޫގައި ވެސް އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
މިއާއެކު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް މިވަނީ ގާއިމުވެފައެވެ.
ބީއެމްއެލުން މިއަދު ބުނީ މި ދެ ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރި 10 ވަނަ އަތޮޅަކަށް ގއ.އަތޮޅު ވާނެ ކަމަށެވެ.
އެ ދެ ރަށުގައި އޭޓީއެމް ހިދުމަތް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލުން ބުނީ އަލަށް ގާއިމުކުރެވުނު އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިން ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

