މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބިލާ ގުޅިގެން، ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރީ ބިލު ރަނގަޅަށް ނުކިޔާ ކަމަށް މިނިސްޓަރު އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މީޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

އޭނާ ހުށަހެޅުއްވި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ.

އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

އަދި މި ބިލުގެ ދަށުން އުފައްދާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން“ ކޮމިޝަނުގައި ތިއްބަވާނީ ހަތް މެންބަރުން ކަމަށް ވެސް ބިލުގައިވެއެވެ.

ބިލާ ގުޅޭގޮތުންޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ، ބިލާ ގުޅިގެން ގިނަ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، ބިލުގައި، މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް އޮތުން ކަމަށާއި، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބިލަށް ހުށަހެޅި 14 އިސްލާހުގެ ތެރޭގައި، އެބައި އުނިކުރުމަށް ހިމަނާފައިވާ ކަމަށެވެ.

”ދެން އެބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮންނަނީ، ލައިސެންސާ ގުޅޭގޮތުން، އެކަންކަމަށް ވެސް ހަމަ ހައްލު އަންނާނެ.“ އޭނާ ވިދާޅުވިއެވެ.

އަސްވާޑުގެ ވާހަކައިގައި މީޑިއާ ބިލު އަދި ފާސް ނުކުރާކަން ފާހަގަކުރައްވައި، އެ ބިލަށް އިސްލާހު ގެނައުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ނޫސްވެރިން އަދިވެސް ހިއްސާ ކުރަންވީ ކަމަށެވެ.

އަސްވާޑު ވިދާޅުވިގޮތުގައި، ބިލާމެދުގައި ބައެއް ނޫސްވެރިން ފުރަތަމަ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރީ، ބައެއް މީޑިއާތަކުން ބިލާ ގުޅޭގޮތުން ނުބައި މައުލޫމާތު ފެތުރުމުންނެވެ.

”އެ މީހުން މި ބިލެއް ނުކިޔާ އޭރު، ނުކިޔާ އެމީހުންނަށް މީގަ ޖެހެވިއްޖެ ވަރަށް ބޮޑަށް.“ އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބިލުގައި ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓު ކުރުމަށް އޮންލައިންއެއް ނުވަތަ ޓީވީއެއް ނުހެދޭނެ ކަމަށް ބިލުގައި އޮތުމުން ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރިއިރު، ބްރޯޑްކާސްޓިން ކޮމިޝަނުގެ ގަވައިދުގައި މިހާރުވެސް އެބައި ހިމެނޭ ކަމަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން، އޭޖީ އޮފީހުން ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ބަދަލު ކުރުމަށް ހުށަހެޅުން ހިމެނެއެވެ.

އަދި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް އޮތުން ބަދަލު ކުރުމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހުށަހަޅައިފައެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ދޮގު މައުލޫމާތާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ކަނޑައެޅިގެން އެފަދަ މައުލޫމާތު ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކާއި، މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިން ނޫސްވެރިކަމުގައި ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑުތައް އެކަށައަޅައި ދެމެހެއްޓުން ހިމެނެއެވެ.

 

ީ

ަ