އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާ ނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް އެ މުވައްޒަފަކަށް ނެގޭނެ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އެ ކޮމިޝަންގެ ގަވައިދަށް ގެނައި އިސްލާހުގައެވެ.

ސީއެސްސީގެ ގަވާއިދަށް ގެނެސްފައިވާ 13 ވަނަ އިސްލާހުގައި ވަނީ ވަކި މުވައްޒަފުގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، އެއްބަފާ މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދާއިމީ ބައްޔެއް ޖެހިގެން ފަރުވާހޯދަން ޖެހިއްޖެނަމަ އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީއެއް ދޭނެ ކަމަށެވެ.

ބަލިވުމުގެ ސަބަބުން މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ ގަޑިއަށް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާ ނަމަ ސަލާމުގެ ޗުއްޓީ ދޭންޖެހޭނެ ކަމަށާއި އަދި އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑިއަށް ނުވަތަ ރަސްމީ ގަޑި ފެށޭތާ ލަސްވެގެން އެއް ގަޑިއިރުގެ ތެރޭގައި އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން އެކަން އެންގުމުން ސަލާމުގެ ޗުއްޓީ ދޭންޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.

އަދި އެ ހާލަތުގައި ސަލާމުގެ ޗުއްޓީ ދިނުމުގައި ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުން ކަމަށާއި ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިއަސް ސަލާމުގެ ޗުއްޓީ ދެވޭނެ ކަމަށް ވެސް ގަވައިދުގައިވެއެވެ.

އެ ގަވައިދުގައި ވަނީ ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީ ހޯދުމަށް، އެ ބަލި މީހަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހެއް ކަމާއި ބަލީގެ ވައްތަރާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓް ނުވަތަ ސެޓްފިކެޓު ދޫކުރި ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.