ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިންގެ އަޑުއަހައިފި ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ބިލާ ގުޅޭގޮތުން، ރޭ ”މީރުމާ“ގައި ބޭއްވި ނޫސްވެރިންގެ ފޯރަމްގައި މިނިސްޓަރު ހަލީލު ވަނީ، މީޑިއާ ބިލާ ގުޅޭގޮތުން ބައެއް ނޫސްވެރިންނާއި، އާއްމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވައިލައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސް ކުރި އެ ބިލު ގާނޫނަކަށް ވުމުން، ރައްޔިތުންނަށް މީސްމީޑިއާގެ މަންސަތަކުގައި ހިޔާލު ފާޅު ކުރުމަށް ހުރަސް އެޅޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ، ހަލީލު ވިދާޅުވީ، އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ސަރުކާރުން ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރަން އުޅޭ ކަމަށް ބަޔަކު ބުނަމުންދާއިރު، ކޮންޓެންޓު އުފައްދާ ފަރާތްތަކަށް ދެ ހަފްތާގެ ތެރޭގައި ލުއި ލޯނު ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއީ ސޯޝަލް މީޑިއާއާ ދެކޮޅު ސަރުކާރެއް ނަމަ، ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނުދީ، ކުރިއަރުވަން މަސައްކަތް ނުކުރާނެ ކަމަށެވެ.
”ސަރުކާރުން ނޫސްވެރިންގެ އަޑު އަހައިފި. މިއަކަށް ދެބަހެއް ނުވެވޭނެ.“ އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ނޫސްވެރިކަން ކުރިއަރައި ގޮސްފައިވާ މިންވަރަށް އަލިއަޅުވައިލައްވައި ހަލީލު ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން، ޝާއިއު ކުރާ ޚަބަރާ ގުޅިގެން ނޫސްވެރިން ގެންދަނީ ފުލުހުންގެ އިދާރާއަށް ކަމަށާއި، އެހެންނަމަވެސް މިހާރު އެފަދަ މައްސަލަތައް ބަލަނީ މީޑިއާ ކައުންސިލުން ކަމަށެވެ.
އަދި އަލަށް އެކުލަވާލާ ގާނޫނުގެ ދަށުން ވެސް، ނޫސްވެރިން ފުލުހަށް ގެންގޮސް ޖަވާބުދާރީ ނުކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބިލު ފާސް ކުރީ، ނޫސްވެރިންގެ ކަންބޮޑުވުންތައް އަހައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ފަހުގައި ކަމަށެވެ.
މީޑިއާ ބިލަށް ބަންޑާރަނައިބުގެ އޮފީހުން 14 އިސްލާހެއް ހުށަހެޅިއެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބިލު ފާސް ކުރީ ވަކި ވަކި ނޫޫސްވެރިންނާއި މީޑިއާތަކަށް ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާއާއި، ނޫސްވެރިންނަށް ބޮޑު ޖޫރިމަނާއެއް އަންނަ ގޮތަށް އޮތް މާއްދާ ވެސް އުނި ކުރުމަށް ފަހުގައެވެ.
ު
ީ

