އިޒްރޭލުން ގަތަރަށް ދިން ހަމަލާއަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުންކަމަށާއި، އެއީ އަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ އަރަބި – އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރަށް ދޭން ޖެހޭނީ ހަމަލާ އެއް ނޫންކަމަށާއި، އެ ގައުމަށް ހައްގު ވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އިޒްރޭލުން މަސައްކަތްކުރަނީ ސުލްހަ އަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަހައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގަތަރަށް ދިން ހަމަލާ އަކީ، ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކުރުމާއި، ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، އާންމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާ ދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިޒްރޭލުން ހިންގާ އަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުސަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަގުވާމީ ގާނޫނު ހިންގާންވާނީ، ހުރިހާ ދައުލަތެއްގެ މައްޗަށްވެސް، ހަމަހަމަ ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނެކަމަށް ވިދާޅުވެ، ގަތަރުގެ ސަރުކާރާއި އުހުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭވިފައިވާ ސިޔާސީ، އިގްތިސާދީ އަދި ހާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް، އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިޒްރޭލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

