ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭގައި 60 ގަސް އިންދައިފިއެވެ.
މިއީ ފޮރިން މިނިސްޓްރީ އާއި، އިންޑިއާ ހައިކޮމިޝަނާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އިއްޔެ ހަވީރު 5:00ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ އެމްޑީ، އަލީ ޒުހެއިރާއި ކުންފުނީގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.

އެޗްޑީސީން ބުނީ، މި ހަރަކާތުގެ މަގުސަދަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތިމާވެށީގެ ދާއިރާ އިން ގުޅުން ބަދަހި ކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ވެސް މި ހަރަކާތް ހިމެނެއެވެ. އެޗްޑީސީގެ އަމާޒަކީ އެއް މިލިއަން ގަސް އިންދުމެވެ.
އަދި ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަކީ ވެސް އެޗްޑީސީގެ އަމާޒެކެވެ.

