ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މިއަދު ހަވީރު 4:00 ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މި ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް، ބެލެވޭ ގޮތުގައި މި ޖަލްސާގެ އެޖެންޑާގައި އޮންނާނީ މީޑިއާ ބިލު ފާސް ކުރުމަށް ވޯޓަށް އެހުމެވެ.

މީޑިއާ ރެގިއުލޭޓަރީ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ފާސްކުރީ އިއްޔެއެވެ. މި ބިލަށް ބަންޑާރަނައިބުގެ އޮފީހުން 14 އިސްލާހެއް ހުށަހެޅިއެވެ.

އެ އިސްލާހުތަކުގެ ތެރޭގައި، ބިލުގެ ދަށުން އުފައްދާ 7 މެމްބަރުންގެ ކޮމިޓީގައި، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ 3 މެމްބަރުން ތިބޭނެ ގޮތަށް އޮތް މާއްދާ އުނި ކުރުމާއި، ވަކި ވަކި ނޫސްވެރިންނަށާއި، މީޑިއާތަކަށް ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނި ކުރުން ވެސް ހިމެނެއެވެ.