ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ އިއްޔެ ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ އިން ފާސްކުރައްވާފައިވާ ބިލެކެވެ.
މި ބިލުގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރެއްވުމާއެކު، މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

