ތެދު ހަގީގަތާ އެއްގޮތަށް ކޮންމެ ވާހަކައެއް ވެސް ދެއްކޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި ވަނީ، ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައި، ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ 9 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެއްވެސް ބެލުމެއް ނެތި، ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމަކީ، ރައީސް ވިދާޅުވި ގޮތުގައި، މި ގައުމުގެ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ 100 ޕަސެންޓު އިސްލާމީ ގައުމަކަށްވާއިރު، މި ގައުމުގައި ކޮންމެހެން ވެސް، މީހުންގެ އަބުރު ރައްކާތެރި ކުރެވެން ޖެހޭ ކަމަށެވެ.

އަދި އެއީ ކޮންމެ މީހެއްގެ ހައްގެއް، އަދި ޒިންމާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަބުރު ރައްކާތެރި ކުރުމަކީ އެއީ ކޮންމެ މީހެއްގެވެސް ހައްގެއް. އަދި އަނެކާގެ ޒިންމާއެއް. އެހެންވީމާ، އެއީ ބަހުސެއްވެސް ކުރަންއޮތްކަމެއްނޫން – ރައީސުލްޖުމްހޫރިއްޔާ

 

މީޑިއާ ބިލު ފާސް ކުރަން ގޮވައިލައި، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގެ ތެރެއިން-

މީޑިއާތައް ރެގިއުލޭޓު ކުރާ ބިލު ފާސް ކުރިއިރު، އެ ބިލާ ދެކޮޅަށް އިއްޔެ ވެސް ނޫސްވެރިން އަޑު އުފުލިއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ، ނޫސްވެރިން ފާޅު ކުރަމުންދިޔަ ކަންބޮޑުވުންތަކަށް ”ފަރުވާ“ ހޯދުމަށް ފަހުގައި ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ‏‏‏‏‏އިން ބުނެއެވެ.

މީޑިއާ ބިލު މަޖިލީހުން ފާސް ކުރިނަމަވެސް، ރައީސް މުއިއްޒު އަދި އެ ބިލު ތަސްދީގު ކުރައްވައިފައެއް ނުވެއެވެ.