ފާއިތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި، ސްކޭމްތަކާ ގުޅޭ މައްސަލަތައް ބަލަމުން އަންނަ އެންޓި ސްކޭމް ސެންޓަރަށް ހާހަކަށްވުރެ ގިނަ މައްސަލަ ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކުރެވިފައިވާ ކަމުގައެވެ.

މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެފަދަ 491 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕަރސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ (އެގާރަ މިލިއަން ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށާވީސް ލާރި) އަދި 138،060.85 ޔޫއެސް ޑޮލަރުގެ ގެއްލުންވެފައިވެއެވެ.

މީގެ ތެރެއިން -/2،515،484.13ރ (ދެމިލިއަން ފަސްލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ތޭރަ ލާރި) އަދި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން ވަނީ އަނބުރާ ހޯދާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.