މައިންބަފައިންނަށް އިހުސާންތެރިވުމަކީ، މާތްﷲ އިންސާނާއަށް ކުރައްވިފައިވާ ވަސިއްޔަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެފައި ވަނީ، މުޖުތަމައު އިސްލާހު ކުރުމުގައި، އެންމެންގެ ޒިންމާއާ ގުޅޭގޮތުންނެވެ.

ހުތުބާގައި ބުނީ، މުޖްތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުން ކަމަށެވެ.

”އަދި މުސްކުޅިވީ ދުވަހު އެ ބައިމީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށް ނުދިނުން. މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތްﷲ އިންސާނާއަށް ކުރައްވައިފައިވާ ވަސިއްޔަތެއް. ވަސިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުން.“ ހުތުބާގައި ބުންޏެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ އުމުރުގައި ބަރަކާތްލައްވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެބައިމީހުންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށެވެ.

އެހެންވެ، މައިންބަފައިން ނިކަމެތިކޮށް ދޫކޮށްނުލާން ވަނީ ނަސޭހަތްތެރިވެފައެވެ.

”ވިސްނުން ބަދަލުކުރާށެވެ! ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވާށެވެ! މި އަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައިގެ ބާރު ދެރަވެފައެވެ.

ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައެވެ،“ ހުތުބާގައި ބުންޏެވެ.