މުޅި ރާއްޖޭގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ދިނުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، މިއަދު ވ.ފުލިދޫގައި ވެސް މި ހިދުމަތް ފަށައިފިއެވެ.
އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
އެމަނިކުފާނު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ހުރިހައި ރަށެއްގައި ވެސް އޭޓީއެމްގެ ހިދުމަތް ފެށުން ކަމުގައެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ނޮވެންބަރު މަހު ފެށި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން ގިނަ އަތޮޅުތަކެއްގައި މި ހިދުމަތް މިހައިތަނަށް ވަނީ ގާއިމު ކޮށްފައެވެ.
ބީއެމްއެލް ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 156 ސެލްފް ސަރވިސް ބޭންކިން ސެންޓަރ، 215 އޭޓީއެމް، އޭޖެންޓު ބޭންކިންގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު، އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
