އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ އެއްވުމަށް ބައިވެރިން ހޯދުމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދޮރުން ދޮރަށް ހިންގަވައިފިއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ގައުމު ލޫޓުވަމުންދާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީ އިން ބާއްވާ އިހްތިޖާޖަށް ތައްޔާރުވުމަށް މިއަދުވެސް މާލޭގައި ދޮރުން ދޮރަށް ހިންގެވި ކަމަށެވެ.
ރަށުތެރެއިން ދިމާވި އެކި އުމުރުފުރާގެ، އެކި ރަށްރަށަށް ނިސްބަތްވާ ބޭފުޅުންވެސް އެކި މިސާލު ނަންގަވަމުން ދެއްކެވީ އެއް ވާހަކައެއް ކަމަށާއި، އެއީ ސަރުކާރުން ހައްގަކަށްފަހު ހައްގެއް، މުވައްސަސާއަކަށްފަހު މުވައްސަސާއެއް ލޫޓުވަމުންދާ ވާހަކަ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
”އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ، އެކަމުން ސަލާމަތްވާން ޖެހޭ ވާހަކަ. ބީރު ކަންފަތެއް ދީގެން ސަރުކާރަށް ތާއަބަދު ނޯވެވޭނެ.“ އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ އަޑު އިއްވަން އޮކްޓޯބަރު 3 ގައި ނިކުތުމަށް ވެސް ޝާހިދު ގޮވައިލެއްވިއެވެ.
އެމްޑީޕީން އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި ބާއްވާ މުޒާހަރާ، ސަރުކާރު ”ހަމަ މަގަށް އެޅެންދެން“ ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

