ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބުގައި އެމަނިފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދަކީ ވައިގެބަނދަރެއް ގާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން، އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށެއްކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާސިލުވުމަށް ކުރިއަށްގެންދަން ރާއްވަވާފައިވާ އެހެނިހެން މަޝްރޫއުތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން، ރަށުގެ ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް މާދަމާ މަސައްކަތް ފައްޓަވާނެ ކަމަށާއި، ގިނަވެގެން 24 މަސް ދުވަސް ތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭ ފެނުގެ ވިއުގަ ގާއިމުކުރެއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމާ ގުޅުންހުރި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ނިލަންދޫގައި ގާއިމުކުރާ ދަޅުބަންދުކުރާ ކާރުހާނާގެ އިންޖިނިއަރިންގ، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އަދި އަންނަ އަހަރުގެ މާޗު މަސް އަންނަން ވާއިރަށް، ނިލަންދޫވެސް ހިމެނޭހެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިއުލް ސްކިޑް ބަހައްޓަން ކަނޑައެޅި ރަށްރަށުގައި އެ މަސައްކަތް ފުރިހަމަކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން 200 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫއުއާއި، 50 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫއު ކުރިއަށްދާކަމުގެ ޔަގީންކަން އެމަނިކުފާނު ނިލަންދޫ ރައްޔިތުންނަށް ދެއްވިއެވެ.
އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތާއި އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރަށް ތާވަލުކުރައްވާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ، އަންނަ އަހަރުން ފެށިގެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ބަޖެޓަކީ ކައުންސިލް ބަޖެޓުގެ 10 އިންސައްތަ ކަމުގައި ކަނޑައަޅުއްވާނެކަން އިއުލާންކުރައްވާފައެވެ.
މިއީ ފަސް އިންސައްތައިގެ ކުރިއެރުމެކެވެ. މި ފިޔަވަޅުގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، އަންހެނުން ބާރުވެރިކުރުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

