ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ދަރަނބޫދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ.
މިގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި މަލްޓިޕާޕަސްހޯލަކާއި އަދި އިތުރު ކުލާސް ރޫމް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފުޓްބޯޅަ ކުޅޭނެ ދަނޑަކާއެކު ޓްރެކެއް ހަދައިދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

