ސަރުކާރު ހަމަމަގަށް އަޅުވަން އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފް އަދި އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ އަދާލަތުގެ ރައީސް އައްޝެއިހު އިމްރާން އަބްﷲއެވެ.
އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
”ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެންވެސް ގަބޫލޫކުރަން.“ އޭނާ ވިދާޅުވިއެވެ.
ކޮންމެ ސަރުކާރެއް އޮތަސް، އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު ޓްރެކުން ކައްސާލާ ކަމަށްވާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަދައިން، ޕާޓީތަކުގެ ޒިންމާއަކީ އެއީ ކަމަށް އިމްރާާން ވިދާޅުވިއެވެ.
ސިޔާސީ ޕާޓީ އުފައްދާފައި އެޕާޓީތަކަށް މަތި ކޮށްފައި އޮތް ޒިންމާއެއް އެބައޮތް ކަމަށާއި އެ ޒިންމާ އަދާކުރުމަށް އަދާލަތު ޕާޓީ އެހެން ޕާޓީތަކާއި އެކު މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވިއިރު، އަދާލަތު ޕާޓީ އަކީ، ރައްޔިތުންގެ މެދުގައި މާބޮޑު މަގުބޫލުކަމެއް އޮތް ޕާޓީއެއް ނޫނެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެ ޕާޓީން ހަތަރު ދާއިރާއަކަށް ވާދަކުރިއެވެ. އެހެންނަމަވެސް، އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނެވެ.

