ގިނަވަގެން 12 މަސް ދުވަހުގެ ތެރޭގައި ފ.މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން، ރައީީސް ޑރ.މުހައްމަދު މުއިއްޒު ދެއްވަވައިފިއެވެ.
ރައީސް މުއިއްޒު މި ޔަގީންކަން ދެއްވެވީ، މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އެ ރަށު އެއާޕޯޓުގެ މަސައްކަތް މަޑުޖެހިފައިވާ ސަބަބުތައް ދެނެގަނެ، މަސައްކަތް އަވަހަށް ހިނގައިގަނެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަމާ ގުޅޭ މިނިސްޓްރީއާއި ކޮންޓްރެކްޓަރާއެކުވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
”މި މަސައްކަތަށް ޢަމަލީ ސިފަ ގެނެސް، އެއްވެސް މަޑުޖެހުމެއްނެތި މަސައްކަތް ގެންގޮސް ނިންމާލަދޭނަން. ދިމާވެފައިވާ މައްސަލަ ބަލައި މަސައްކަތް އަވަސްކުރަން މަގުފަހިކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނަން.“ ރައީީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީީސް ވަނީ، އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރު ކުރިއަށްގެންދަވާނެކަމަށާއި، ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް އަމަލީ ގޮތުން ފަށާނެކަމުގެ ޔަގީންކަން، ރަށުގެ ރައްޔިތުންނަށް އަރުވައިފައެވެ.
މަގޫދޫގެ އެއަރޕޯޓް ތަރައްގީ ކުރުމުގެ އެމްޓީސީސީއާ ހަވާލުކުރީ 2022ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމައިފައެވެ.

