ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު އެ ގައުމަށް ފުރާވަޑައިގެންނެވީ، އދ ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.
ހަލީލުގެ މި ދަތުރުފުޅާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިއީ ރާއްޖެ އދގައި ބައިވެރިވިތާ 60 އަހަރު ފުރޭ އަހަރެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އިދާރާގައި މިއަހަރު ކުރިއަށް ގެންދާ އާންމު މަޖިލީހުގެ 80 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވެސް ވަނީ ފުރާވަޑައިގަންނަވައިފައެވެ.
މިފަހަރު ކުރިއަށްދާ އާންމު މަޖިލިޙުގެ ސެޝަންގެ ބަހުސްގައި ފޮރިން މިނިސްޓަރު ހަލީލް ތަގުރީރު ކުރައްވާނެއެވެ.
އަދި އެސްޓޯނިއާ އާއި ގުޅިގެން ”ޑިޖިޓަލް ޓްރާންސްފޮމޭޝަން ފޮރ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް“ ނަމުގައި ކުރިއަށްގެންދާ ހަރަކާތަކާއި، ”ޑެކޭޑްސް އޮފް ޕެރިސް އެގްރީމަންޓް: މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއަންސް“ ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ވެސް ހަރަކާތެއް ކުރިއަށް ގެންދާނެއެވެ.

