އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ތަބާވާ، އެއްބައިވަންތަ ބައެއް ކަމަށާއި، މިކަން ނެތިކޮށްލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މ.މުލަކަށް ވަޑައިގެން، އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ، މިއީ ހުރިހާ މާނައެއްގައި ވެސް ހަމަޖެހިގެން ރައްޔިތުން ދިރިއުޅޭ ގައުމަކަށް ހަދަން ބޭނުންފުޅުވެލައްވާ ކަމަށެވެ.

އެގޮތުން، ސިޔާސީ ގޮތުން ބަދަލު ހިފުމާއި، ތަޅާފޮޅައި، މީހުން ޖަލަށްލުން ފަދަ ނުބައި ކަންކަން ނެތިފައި އޮތް ގައުމަކަށް، މި ރާއްޖެ ހަދަން ބޭނުންފުޅުވެލައްވާކަން ފާހަގަކުރައްވައި، އެކަކު އަނެކެއްގެ އަބުރު ނަގަހައްޓައި، އިހުތިރާމްކޮށް، ރީތި ބަހުން މުއާމަލާތް ކުރާ ބަޔަކަށް ވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އިސްލާމްދީނަށް ލޯބި ކުރާ، އަމަލު ކުރާ، ސިކުނޑި ތަރައްގީ ވެފައިވާ، ވަށާޖެހޭ ތަރައްގީއެއް ހާސިލުވެފައިވާ ގައުމަކަށް ހަދަން.“ ރައީސް އިތުރަށް ވިދާޅުވިއެވެ.

 

ރައީީސް ޑރ.މުހައްމަދު މުއިއްޒު، މ.މުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް

 

ރައީސް ވިދާޅުވީ، މިއީ އެމަނިކުފާނު އެކަންޏަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކު ވެސް މިކަން ބޭނުންވާން ޖެހޭނެ ކަމަށެވެ.

ރާއްޖެއަކީ މީސްކޮޅު މަދުވިޔަސް، ވަރަށް ފަހުރުވެރި ގައުމެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، މި ގައުމަށް ލިބިފައިވާ އެންމެ ބޮޑު ފަހުރަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުން ކަމުގައެވެ.

އަދި ދިވެހީންނަކީ އެއް ނަސްލެއްގެ، އެއްބައިވަންތަ، އެއް ދީނަކަށް ތަބާވާ ބަޔަކަށް ވާއިރު، މިކަން ނެތިކޮށްލުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

”މިކަން ނެތިކޮށްލަން، މަސައްކަތް އެބަ ހިނގާ، އަޅުގަނޑުމެންނަށް ނޭނގި ވެސް. އެތައް ދިމާލަކުން މި ހަމަލާތައް އާދޭ. ބަވަނަ ވެފައި އޮތް ދުނިޔޭގަ މިކަން އަންނާނެ.“ ރައީސް ވިދާޅުވިއެވެ.

 

މިފަދަ ކަންކަމަށް ފުރުސަތު ނުދިނުމަށް، ހިތާއި ސިކުނޑިން އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ވެސް ރައީީސް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، އަޅުގަނޑުމެންނަކީ ގައުމިއްޔަތުގެ ވިސްނުމުގައި ކުރިއަށްދާ ބަޔަކަށް ވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތަށް ކުރިއަށް ދެވިއްޖެނަމަ، ރަށްތަކަށް ގެނެވޭ ތަރައްގީގެ ހަގީގީ ފޮނިމީރުކަން އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށާއި، އެހެން ނޫންނަމަ، ކިތަންމެ ވަރަކަށް ހޮސްޕިޓަލު އަޅައި، މަގުތައް ހެދިޔަސް، އޭގެ ބޭނުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ، ރައްޔިތުން ހަވާލު ކުރި މަގާމުގެ ޒިންމާ، އިހުލާސްތެރިކަމާއެކުގައި އަދާކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

 

 

ި

 

 

 

 

 

ި