އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ މ.މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ސަރުކާރުން ހުށަހަޅުއްވަނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްގީގެ ވާހަކަތައް ކުރިއަށްދާންޖެހޭނީ ދެފުށްފެންނަ ގޮތަކަށް، ރައްޔިތުންގެ ބައިވެރިވުމާއެކުގައިކަން ފާހަގަކުރައްވައި، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައިވެސް، ސީދާގޮތުންނާއި، ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް، ރައްޔިތުން ޝާމިލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްލޭންގައި އެކުލެވެނީ ރައްޔިތުން ބޭނުންވާ ތަރައްގީކަން ކަށަވަރުކުރެއްވުމަށް، ޓީމްތައް ރަށްރަށަށް ގޮސް، ހިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން ތަރައްގީ އެކޮޅުކޮޅުން ޖެހުނަ ނުދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިކަން ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނާ ގުޅޭ ގާނޫނެއްވެސް އެކުލަވާލައްވަމުން ގެންދަވާކަން އެމަނިކުފާނު މިރޭ ހާމަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ، ވަށާޖެހޭ ތަރައްގީ އާއި ހަމަޖެހުން، ދިވެހިރާއްޖޭގައި ޤާއިމުކުރެއްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.