މި ސަރުކާރުގެ އަމާޒަކީ، ވަށާޖެހޭ ތަރައްގީ އާއި ހަމަޖެހުން، ދިވެހިރާއްޖޭގައި ގާއިމުކުރުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މ.މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަތައް ކުރިއަށް ގެންދަންޖެހޭނީ ދެ ފުށް ފެންނަ ގޮތަށް ރައްޔިތުންގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް 20 އަހަރަށް ތަރައްގީގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައި ވެސް ސީދާ ގޮތުންނާއި ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް އެކަމުގައި ރައްޔިތުން ޝާމިލު ކުރައްވާނެ ކަމުގައެވެ.

އެ ޕްލޭން އެކުލަވާލާނީ ރައްޔިތުން ބޭނުންވާ ތަރައްގީކަން ކަށަވަރު ކުރެއްވުމަށް، ޓީމްތައް ރަށްރަށް  ގޮސް ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެފަދަ ޕްލޭނެއް އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ އަންނަ ސިޔާސީ ބަދަލަކާއި ގުޅިގެން ތަރައްގީއަށް އަސަރު ކުރިޔަ ނުދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަން ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނާ ގުޅޭ ގާނޫނެއްވެސް އެކުލަވާލައްވަމުން ގެންދަވާކަން އެމަނިކުފާނު ރޭ ހާމަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލް ކުރުމުގެ މަސައްކަތަށެވެ.

އެގޮތުން ސަރުކާރުން ހުށަހަޅުއްވަނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.