އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާނެ އުމްރާނީ ތަރައްގީގެ މަޝްރޫއުއަކީ، މ. މަޑުއްވަރީގައި އައު ނިވައި ބަނދަރެއް ތަރައްގީ ކޮށްދެއްވުން ކަމަށާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަހަރު ކުރީކޮޅުގެ ތެރޭގައި އެ މަސައްކަތް ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ވާހަކަފުޅުދައްކަވާފައި ވަނީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހިޔާލު ހުށަހަޅުއްވައި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތާއި ޝުޢޫރުތައް ހިއްސާކުރައްވާފައިވެއެވެ.

އެގޮތުން އެންމެ ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ނިވައި ބަނދަރެއްގެ ވާހަކައެވެ.

އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ބަނދަރުގެ މަސައްކަތްކުރިއަށް ގެންދަވާއިރު، ރަށަށް ބޭނުންވާ ތަރައްޤީގެ އެހެން މަޝްރޫޢުތައްވެސް ވަކި ތަރުތީބަކުން ކުރިއަށްގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކުޅިވަރުގެ ދާއިރާއިންވެސް މަޑުއްވަރީގައި މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަޑުއްވަރީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ހިޔާލު ބަދަލުކުރައްވާފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.