ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރުއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައި ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައި ކަމަށާއި، އެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ޏ. ފުވައްމުލައް / ދަޑިމަގު ނައިސް، ހާލިދު އަބްދުﷲ އަލީ (57އ) ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ، އިއްޔެ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.