ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައޫދާއި، ސައުދީ އަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދެޤައުމުގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް މި ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚުވަންތަކަމާއި، އިޙްތިރާމާއި، އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސްގެ ސިޓީފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާއި، އިސްލާމީ އުންމަތުގެ ފައިދާއަށްޓަކައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
އަދި، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމާއި، ޚާއްޞަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގައި ސައޫދީ އަރަބިއްޔާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެއިތުރުން ރައީސް ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައިވެސް، ދެ ގައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުމާއި، ދެ ގައުމުގެ ލާބައަށް ކުރެވެމުންދާ ކަންކަން ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

