މި މަޝްރޫއު މިއަދު އަމަލީ ގޮތުން ފައްޓަވައި، ގިނަވެގެން އަށާރަ މަސްދުވަސް ތެރޭގައި ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ނިމިފައިހުރި ހައުސިން ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއުއެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.
ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ހައްލު ކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

