ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ.ވިލުފުށީ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ވިލުފުށީ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ވަނީ، ސަރުކާރުން އަލަށް އިމާރަތްކޮށްފައިވާ 100 ހައުސިން ޔުނިޓުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ގާއިމުކުރެއްވުމަށްފަހު، ހައްގުވެރީންނަށް އެ ޔުނިޓުތައް އަވަހަށް ހަވާލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ބަނދަރު އިތުރަށް ފުންކޮށް، ފުޅާކޮށްދެއްވުމަށާއި، ކުދި ޑިންގީއަށް ޖެޓީއެއް ހައްދަވައިދެއްވުމަށާއި، ރަށުގެ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ރަށުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކޮށްދެއްވުމަށާއި، އާޓިފިޝަލް ބީޗެއް ނުވަތަ ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ރަށުގައި އެކަށީގެންވާ މިންވަރަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަށާއި، ބަނދަރުގެ ދުވާރުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމަށްވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ، ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައޔލޫމާތު ހިއްސާ ކުރައްވާފައެވެ.

