ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތ. ހިރިލަންދޫ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ރައީސްއާއި ހިއްސާކުރައްވާފައެވެ.

މިގޮތުން ކައުންސިލުން ވަނީ ރަށުގެ ބިން އިތުރު ކޮށްދެއްވުމާއި، ހިރިލަންދޫއަކީ މަސްވެރި ރަށަކަށް ވުމުން، ކޯލްޑް ސްޓޯރޭޖެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރަށުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް ހިދުމަތް ދެވޭގޮތަށް ތަރައްގީ ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.