ބޭނުންފުޅުވަނީ ރައްޔިތުން ތިބިތަނަކަށް ސަރުކާރުން އައިސް ހިދުމަތްތައް ގާއިމުކުރައްވައިގެން ހިދުމަތްތައް ދެއްވުންކަމަށާ، ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ހިދުމަތް ހޯދުމުގެ އަޅުވެތިކަން ނިމުމަކަށް ގެނެސް، ރައްޔިތުންނާ ހިސާބަށް ފަސޭހަކަން، ގެނެސްދޭން ބޭނުންވެލައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ.ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ވޭމަންޑޫ ސްކޫލުގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށުގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، އުމްރާނީ ތަރައްގީގެ ކަންކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ވޭމަންޑޫގެ ތަރައްގިއަށްޓަކައި މުހިންމު 3 މަޝްރޫއުގެ އެއްބަސްވުމުގައި ރޭގެ ރަސްމިއްޔާތުގައި ސޮއިކުރައްވާފައި ވާއިރު، މިމަޝްރޫއުތަކަކީ ރަށުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއުތަކެއްކަމުގައި ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ވޭމަންޑޫ ބަނދަރު އަޕްގްރޭޑްކުރުގެ މަޝްރޫއު ބިން ހިއްކުމުގެ މަޝްރޫއު އަދި ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްގީ ކުރުމަށް އެއްބަސްވެވުނު މަޝްރޫއުއެވެ.
ރައީސް ވަނީ މިމަޝްރޫއުތައް ކުރިއަށް ގެންދަވަން ގަސްތުކުރައްވާ ގޮތުގެ މައުލޫމާތު، ރައްޔިތުންނާ ހިއްސާކުރައްވައި، ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންގޮސް، ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

