2027 ވަނަ އަހަރުގެ މިނިވަން ދުވަހު ތ.ގުރައިދޫގެ އެއާޕޯޓު ހުޅުވިގެންދާނެ ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ަރައީީސް ވިދާޅުވީ، ވެރިކަން ފެށިގެން އެމަނިކުފާނު އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ގުރައިދޫއަށް ކަމަށާއި، އެއީވެސް ވައުދެއް ފުއްދުމަށް ކަމަށެވެ.
”އަޅުގަނޑު ކެމްޕޭނުގައި ވަޢުދުވިން ރިޔާސީ އިންތިޚާބުގައި އެންމެ މަތީ އިންސައްތައަކުން ތާއީދުދޭ ރަށަކަށޭ އެންމެ ފުރަތަމަ ދާނީ. ދެން ތިބޭފުޅުން އެކަން ހަމަ ކުރެއްވެވީ. އެހެންވީމަ އެ ވަޢުދު ފުއްދުމުން ފެށުނީ. މިއަދު މިތަނަށް މިއައީ އަޅުގަނޑު މިރަށުގެ ރައްޔިތުންނަށްވީ އެންމެ މުހިންމު ވަޢުދު ފުއްދުމަށްޓަކައި. އާދެ އެއަރޕޯޓުގެ ވާހަކަ.“ ރައީސް ވިދާޅުވިއެވެ.
ގުރައިދޫ އެއާޕޯޓު މަޝްރޫއުއަށް ބިން ބިންހިއްކާ ނިމިފައިވާއިރު، މިރޭ އެއާޕޯޓު އަޅައި، އެ އެއާޕޯޓު އޮޕަރޭޓްކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ހަވާލު ކުރީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެވެ. ރައީީސް ވިދާޅުވީ، މާދަމާއިން ފެށިގެން 22 މަސްދުވަހުގެ ތެރޭގައި ނިންމައި، އެ އެއާޕޯޓު ހުޅުވާނެ ކަމަށެވެ.
”މި އެއާޕޯޓަކީ މިރަށުގެ ތަރައްގީއަށް ވަރަށް ވެސް މުހިންމު އިގުތިސާދީ، އުމުރާނީ ވަސީލަތެއް. މިރަށާ، މި ދާއިރާއާ، މި ސަރަހައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރާއްޓެއް.“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އިރާދަކުރެއްވިއްޔާ މިއީ ތަރައްގީގެ މުހިންމު ފެށުމެއް ކަމަށެވެ.

ރައީީސްގެ ވާހަކަފުޅުގައި ގުރައިދޫގެ މަގުހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިއީވެސް އެމަނިކުފާނުގެ މުހިންމު ވައުދުފުޅެއް ކަމަށް ވިދާޅުވިއެވެ.
މިއީ ގުރައިދޫގައި ކޮންމެހެން ކުރަންޖެހިފައޮތް ވަރަށް މުހިންމު ކަމެއް ކަމަށާއި، އިގުތިސާދީ ކަންކަން ކުރުމަށްވެސް މަގުތައް ހެދުމުން ފަސޭހަކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މާދަމާ ހެނދުނު އެ ރަށު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަން ވެސް ރައީސް ރޭ ފާހަގަކުރެއްވިއެވެ.

