މުޅި ރާއްޖޭގެ ސިއްހީ ދާއިރާގެ ބިނާރު ތަރައްގީ ކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

އެމަނިކުފާނު މި މަސައްކަތްތައް އިއުލާނު ކުރައްވާފައިވަނީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ ސެނަހިޔާ ހައިޕަރބެރިކް ސެންޓަރ، މާދަމާ ގުރައިދޫގައި އިފްތިތާޙުކޮށްދެއްވާނޭކަމަށް ވިދާޅުވެފައެވެ.

އަދި، ޑީކޮމްޕްރެޝަން ޗެމްބަރ ބެހެއްޓުމަށް ވަޢުދުވެވަޑައިގެންފައިވާ ސަރަހައްދުތައް ކަމުގައިވާ، އައްޑޫ ސިޓީ، ފުވައްމުލައް، ވިލިނގިލި، ރަސްދޫ، ތިނަދޫ، އަދި މާލޭގައި ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި، މި ޗެމްބަރުތައް ބެހެއްޓޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްއާރްއައި ގެ ހިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި، އެންމެ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ގާއިމުކުރައްވާނެ ކަމަށާއި، ހަމަ އެ މުއްދަތުގެ ތެރޭގައި، ހުރިހާ އަރބަން ސެންޓަރެއްގައި ސީޓީ މެޝިން ބަހައްޓަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، 15 އަތޮޅު ހޮސްޕިޓަލެއްގައި، ދަތުގެ ފަރުވާގެ އެންމެ ފުރިހަމަ ސެޓަޕްތައް ގާއިމުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން، ދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދެއްވައި، ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރައްވައި، ލާމަރުކަޒީ ސިޔާސަތު ތަންފީޒުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.